މާލޭ އުތުރު ފަރާތު ބަނދަރުގެ ބައެއް ބަންދުކުރުމާއި ގުޅިގެން އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތަކަށް، ހެންވޭރު ފެރީ ޓާމިނަލާ އިންވެގެން އޮންނަ ފަޅު ހަމަޖައްސައިފި އެވެ.
މާލޭ އުތުރު ފަރާތު ބަނދަރު ބަންދުކޮށްފައި މިވަނީ އެ ސަރަހައްދުގައި ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ ލަފާ ފުރާ އުޅަނދުތަކަށް ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ފަޅު މިހާރު ބޭނުންކުރެވޭނެ ކަމަށެވެ. ލޯންޗުތަކުން ދަތުރުކުރާ ފަރާތްތަކުން، ފުރުމަށް 10 މިނިޓަށްވުމުން ފަޅަށްވަދެ މީހުން އެރުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ އުތުރު ފަރާތު ބަނދަރުން މިހާރު ބަންދުކޮށްފައިވާ ސަރަހައްދަކީ މާލެއިން ރަށްރަށަށް ދަތުރުކުރާ ގިނަ އަދަދެއްގެ ފެރީތަކާއި، ލޯންޗުތައް ލަފާ ފުރުމަށް ބޭނުންކުރަމުން ދިޔަ ސަރަހައްދެކެވެ. ހެންވޭރު ފެރީ ޓާމިނަލާ އިންވެގެން އޮންނަ ފަޅު، ލަފާ ފުރާ އުޅަނދުތަކަށް ހަމަޖެއްސީ ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުން މާލެއަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މީގެ އިތުރުން، ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވެސް މަގުހެދުމުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.