3.4 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކުމުން މާލެއިން ބޮޑު ގޯއްޗެއް ނީލަމުގައި ވިއްކާލަނީ!

މުހައްމަދު ޖަމްޝަތު | 2 ދުވަސް ކުރިން - 4 ސެޕްޓެންބަރު 2025 17:01
މޯލްޑިވްސް އިސްލާމިކް ބޭންކް----
މޯލްޑިވްސް އިސްލާމިކް ބޭންކް----
ޚުލާސާ

މި ލޯނަށް ފައިސާ ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުންވެސް ހުކުމް ކުރި، ނަމަވެސް އެ ފައިސާ ދައްކާފައި ނުވޭ.

ހުރަވީ އިންޓަނޭޝަނަލް ނަކަމަށް ކިޔާ އަމިއްލަ ކުންފުންޏަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނެގި 3،4 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމުން، އެ ލޯނަށް ރަހުނުކުރި ގ. ފަނަސް ނީލަމުގައި ވިއްކާލަން އިސްލާމިކް ބޭންކުން ނިންމައިފި އެވެ.

އެމްއައިބީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން ގ. ފަނަސް ވިއްކާލަން ނީލަން ފަށާ އަގަކީ 30,230,000ރ. އެވެ. އެއީ އަމީނީމަގުގައި، މަޝްހޫރު އޮޑެގައްލޭ ކެފޭ ހިންގާ، އިމާރާތް ހުންނަ ބިމެވެ. މި ބިމަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މަނިކު ދޮންމަނިކުގެ ގެ އެވެ.

ހުރަވީ އިންޓަނޭޝަނަލް އިން އިސްލާމިކް ބޭންކުން ނެގި ކްރެޑިޓް ފެސިލިޓީ އަށް ގ. ފަނަސް ގޯއްޗާއި އެ ގޯތީގައިވާ އިމާރާތާއި ނުއުފުލޭ މުދަލުގެ އިތުރުން އެކުންފުނިން ތ. އަތޮޅު ކަޅުދިޔަފުށީގައި ތަރައްގީކުރި ހުރަވީ ރިސޯޓުގައި ބެހެއްޓި ރިވާސް އޮސްމޮސިސް ޑީސެލިނޭޝަން ދެ ޕްލާންޓާއި ސިވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ރަހުނުކޮށްފަ އެވެ.

މި ލޯނަށް ނެގި ފައިސާގެ ތެރެއިން ނުދައްކާހުރި 2.5 މިލިއަން ޑޮލަރު ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްވެސް ކުރި އެވެ. ސިވިލް ކޯޓުގު ހުކުމުގައިވާ މުއްދަތުގައި ވެސް އެ ފައިސާ ދައްކާފައި ނުވާއިރު ހުރަވީ އިންޓަނޭޝަނަލްގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިނުއާފު ކުރުމުން އިސްތިއުނާފަށް ހުށަހެޅި އިޖުރާއީ އިއުތިރާޒު ބަލައިނުގަނެވޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

މި ގޯތި ގަތުމަށް މިހާރު ނީލަމަށް ހުޅުވާލާފައި ވާއިރު، މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހަންދެން އަގު ހުށެއެޅޭނެ ކަމަށް އެމްއައިބީން ބުންޏެވެ. ބިޑްތައް ހުޅުވާނީ 25 ވަނަ ދުވަހުގެ 1 ޖަހާއިރު މ. ފާމުދޭރިގެ ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެމްއައިބީގެ އޮފީހުގަ އެވެ.

ނީލަން ފަށައި، އެންމެ މަތީ އަގު އިއުލާނުކުރުމަށް ފަހު، ކޮންމެ ދުވަހަކު ވެސް ހުށައަޅާ އެންމެ މަތީ އަގު އެމްއައިބީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%