ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓިފަ އޮންނަތާ 48 ގަޑިއިރަށްފަހު، އަލުން އެ އެއާޕޯޓް އޮޕަރޭޝަނަށް ގެނެސްފި އެވެ.
އެނގިފައިވާ ގޮތުގައި ފުވައްމުލަކު އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓިފައިވަނީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެހެންނަމަވެސް ރޭގެ ވަގުތެއްގައި އައްޑޫ ސީޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންގޮސް މިހާރު ވަނީ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފަ އެވެ.
އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓިފައި އޮތުމުގެ ސަބަބުން ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެންދިޔުން ހުއްޓި، އެ ސިޓީގައި ތިބި ފަރާތްކަށް ރަށުން ނުފުރި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
މިކަމާއި ގުޅިގެން އެއާޕޯޓް މިހާރު ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކުގެ އިންޖީނަށް މައްސަލަ ދިމާވީ މަރާމާތު ނުކުރާތާ ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށެވެ. އެމްއޭސީއެލް އިން ގެންދަނީ އެއާޕޯޓްގެ ވަސީލަތްތައް ހަމަކޮށް، މަރާމާތު ކުރަން ޖެހޭ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު މޯލްޑިވިއަނުން މިރޭ ފުވައްމުލަކަށް ދަތުރުތައް ފެށުމަށް ވަނީ ނިންމައިފަ އެވެ.