ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދީނީ ހިދުމަތްތައް ފަހިކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގައި އާ ދެ މިސްކިތެއް އެޅުމަށް މިއަދު ބިން ހަވާލުކޮށްފި އެވެ.
މިކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު އެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި އެއްބަސްވުމުގެ ދަށުން މިސްކިތް އެޅުމަށް ހަވާލުކުރެވުނު ދެ ބިމުގެ ތެރެއިން، ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅަން ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ބޮޑުމިނަކީ 27920 އަކަފޫޓެވެ.
އަދި ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ ވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ބޮޑުމިނަކީ 20720 އަކަފޫޓެވެ.
ހުޅުމާލޭގައި ބިނާކުރާ ބައެއް މިސްކިތްތައް މި އަހަރު ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރަށް ބުނެފަ އެވެ.









