ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި ގާއިމުކޮށްފައިވާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ ކަސްޓަމާ ކެއާ އޮފީސް މެދުވެރިކޮށް، މިހާރު އެޗްޑީސީއަށް ދައްކަންޖެހޭ ބިލުތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ އިތުރަށް ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ވިނަރެސްގެ ހަވަނަ ޓަވަރުގެ ފުރުތަމަ ފަންގިފިލާގައި އެކުންފުނީގެ އޮފީހެއް ގާއިމުކޮށްފައިވަނީ ނިމިދިޔަ މެއި މަހުގެ ތެރޭގަ އެވެ. މިކަމާއި ގުޅިގެން އެޗްޑީސީން ބުނެފައިވަނީ، މި އޮފީހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ގާއިމުކުރި އޮފީހެއް ކަމަށެވެ.
ވިނަރެސްގެ ހަވަނަ ޓަވަރުގެ ފުރުތަމަ ފަންގިފިލާގައި ގާއިމުކޮށްފައިވާ އޮފީހުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެޗްޑީސީގެ އާ އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 02:00 އާއި ހަމައަށެވެ.
ވިނަރެސްގެ ހަވަނަ ޓަވަރުގައި އެޗްޑީސީގެ ހިދުމަތްތައް ދޭންފަށާފައި މިވަނީ ހިޔާ ޓަވަރުގައި މީގެކުރިން ގާއިމްކޮށްފައި ހުރި އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެންނެވެ.