ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށާއި، އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން އަލިވާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓުން) ބުނެފި އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ވާރޭވެހި ދެކުނަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވިދާޅުވި އެވެ.
އަދި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭޅާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަަށް ވެސް މެޓުން ބުންޏެވެ.
އިތުރަށް މެޓުން ބުނީ އުތުރާއި މެދު ރާއްޖެތެރެއަށް ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ދެކުނަށް އެހާ ގަދަނުވާނެ ކަމަށް ވެސް ލަފާކުރާ ކަމަށެވެ.
މެޓުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އެދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ.