އިންތިހާބީ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ހާޒިރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 31 އޯގަސްޓް 2025 09:50
އިލެކްޝަން ކޮމިޝަނުން ކުރިޔަށް ގެންދާ ވޯކް-އިން އިންޓަވިއު ތެރެއިން/ ފޮޓޯ:އިލެކްޝަންސް ކޮމިޝަން
އިލެކްޝަން ކޮމިޝަނުން ކުރިޔަށް ގެންދާ ވޯކް-އިން އިންޓަވިއު ތެރެއިން/ ފޮޓޯ:އިލެކްޝަންސް ކޮމިޝަން
ޚުލާސާ

އިންޓަވިއުއަށް ހާޒިރުވި 100 އަށްވުރެ ގިނަ މީހުންގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރި.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިހާބަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުއަށް 100 އަށްވުރެ ގިނަ މީހުން ހާޒިރުވެފައިވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މި އިންޓަވިއު އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދިޔައީ ރޭ މާލޭގެ ކަލާފަނު ސްކޫލްގަ އެވެ. އިންޓަވިއުތަކަށް އައި ގިނަ މީހުން ކުރިމަތިލާފައިވަނީ އޮފިސަރުންނަށާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެ އެވެ. އިންޓަވިއުއަށް ހާޒިރުވި 100 އަށްވުރެ ގިނަ މީހުންގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ވޯކް-އިން އިންޓަވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓްގެ އިތުރުން ސީވީގެ ކޮޕީ ގެންދިއުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެޅުމާއި އިންޓަވިއުކުރުމުގެ އިތުރުން ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.

މިގޮތުން، މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ވޯކް-އިން އިންޓަވިއުއެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިންޓަވިއު އޮންނާނީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިހާބަށް 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. މި މަގާމުތަކުގެ ތެރޭގައި އޮފިސަރުން، ކޮންޓެންޓް ކްރިއޭޓަރުން، ސީނިއަރު އޮފިސަރުން، ޑްރައިވަރުން، މެއިންޓަނަންސަ އޮފިސަރުން އަދި ސެކިއުރިޓީ އޮފިސަރުންގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން މަސައްކަތު ވަޒީފާއަށާއި، ލޮޖިސްޓިކް އޮފިސަރު، އެސިސްޓެންޓް މާސްޓަާ ޓްރޭނަރު، ގްރެފިކްސް ޑިޒައިނަރު، ޓެކް އޮފިސަރު، ފޮޓޯ ގްރާފަރު އަދި އޮފީސް އެސިސްޓެންޓްކަމުގެ މަޤާމަށް ކުރިމަތިލުމަށްވެސް ވަނީ ހުޅުވާލާފަ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26ވާ ބުރާސްފަތި ދުވަހުގެ 15:00އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން އުންމީދުކުރަނީ އަންނަ އަހަރު ބާއްވާ މި މުހިންމު އިންތިހާބުތައް ކާމިޔާބުކަމާއެކު ބޭއްވުމަށް ބޭނުންވާ ފަދަ ގާބިލް އަދި އިތުބާރު ހުރި މުވައްޒަފުން މި މަރުހަލާގައި ހޯދޭނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%