ތައިލެންޑްގެ ކޯޓުން އެ ޤައުމުގެ ބޮޑުވަޒީރު ޕޭޓޮންގްޓަން ޗިނަވާތު މަގާމުން ދުރުކޮށްފިއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު މަޤަމާއި ޙަވާލުވެވަޑައިގެންނެވި ޕޭޓޮންގްޓާން ޗިނަވާތަކީ އެ ޤައުމުގެ ދެވަނަ އަންހެން ބޮޑުވަޒީރެވެ.
އޭނާ މިއަދު މަޤަމުން ވަކިކުރެއްވިއިރު، ކެމްބޯޑިއާގެ ކުރީގެ ރައީސް ހަން ސެން އަށް ފޯނުން ގުޅުއްވައި ޤައުމީ ސަލާމަތަށް ނުރައްކާ ވާހަކަތައް ދެއްކި ކަމަށް ބުނެ މިއަހަރުގެ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން ހުރީ މަޤަމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.
ކެމްބޯޑިއާގެ ލީޑަރާއި އެކު ކުރެއްވި ފޯނުކޯލުގައި ޗިނަވާތު ވިދާޅުވީ ތައިލެންޑުގެ އަސްކަރިއްޔާ ލީޑުކުރަނީ އިދިކޮޅު ޕާޓީންނެވެ. އޭނާ މަޤަމުން ވަކިކުރެއްވި އަސްލު ސަބަބަކީ މިއެވެ.
ޗިނަވާތު މަޤާމުން ވަކިކުރުމާއި ގުޅިގެން އެކްޓިން ބޮޑުވަޒީރުގެ މަޤާމަށް މިހާރު ވަނީ ބޮޑުވަޒީރުގެ ޑެޕިއުޓީގެ މަޤަމުގައި ހުންނެވި ފުމްތަމް ވެޗަޗައި އައްޔަންކުރައްވާފައެވެ. މިއާއި އެކު ތައިލެންޑުގެ ޕާލަމެންޓުން އާ ބޮޑުވަޒީރަކު ހޮވުމުގެ މަސައްކަތް ފަށާފައިވާއިރު ބޫމްޖައިތައި ޕާޓީގެ އަނޫޓިން ޗާންވިރަކުލް އާއި ކުރީގެ އަސްކަރީ ވެރިޔާ ޕްރަޔޫތު ޗާން-އޯޗާ އާއި ޔޫޓީއެން ޕާޓީގެ ޕިރާޕަން ސަލީރަތަވިބާގާ އާއި ޖޫރިން ލަކްސަނަވިސިޓް އަދި ޗައިކަސެމް ނިޓިސިރީ ފަދަ ބައެއް ބޭފުޅުން މި މަޤަމަށް ވާދަކުރާނެ ކަމަށް ބެލެވެއެވެ.
ތައިލެންޑުގެ ޤާނޫނުހަދާ މަޖިލީހުގެ 492 މެންބަރުން ތިބޭއިރު ބޮޑުވަޒީރު ކަމުގެ ގޮނށި ލިބޭނީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަދުވެގެން 247 މެމްބަރުންގެ ތާޢިދު ލިބިގެންނެވެ.