އެމެރިކާގެ 49 ހިސާބެއްގައި އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މީގެ ދެދުވަސް ކުރިން ފެށިގެން ކެލިފޯނިއާގައި ރޯވެ އަނދަމުންދާ އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 4،690 އަކަމީޓަރު އަނދާފައިވާއިރު، ކޮލޮރާޑޯގެ 150،000 އަކަމީޓަރަށް ވުރެ ގިނަ އަކަފޫޓު ވަނީ އަނދާފައެވެ. މުޅި އެމެރިކާގެ އެޖި ސަރަހައްދުތަކުން ގާތްގަނޑަކަށް 953،000 އަކަމީޓަރު ވަނީ އަނދާފައެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި މި 49 ހާދިސާގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ނުރައްކަލެއް އޮތީ ކެލިފޯނިއާ އަށެވެ.
މިއީ ކެލިފޯނިޔާގެ ޖަންގަލިތަކުގައި މި އަހަރު އަލިފާން ރޯވި ފުރަތަމަ ފަހަރެެއް ނޫނެވެ. މި ވަގުތު އެ ސްޓޭޓްގެ އުތުރުގެ އެތައް. ބަޔަކު ގެދޮރުން ނެރެން މަޖުބޫރުވެ، އަލިފާނުގެ ނުރައްކާ އޮތީ ބޮޑުވެފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި މީގެ ދެދުވަސް ކުރިން ނަޕާ ކައުންޓީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ވަރަށް ދުރަށް ފެތުރިފައެވެ. އެތައް ހާސް އަކަމީޓަރެއްގެ ބިމެއް މިހާރު ވަނީ އަނދައި ހުލިވެފައި ކަމަށާއި އެތައް ސަތޭކަ ގެޔަކުން މީހުން ނެރެ ރައްކާތެރި ހިސާބު ތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ޖެނުއަރީ މަހުން ފެށިގެން ކެލިފޯނިއާގެ އެކި ސަރަހައްދުތަކުގައި އެތައް ފަހަރަކު އަލިފާނުގެ ހާދިސާތައް ހިނގައިފިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޖުލައި މަހު ވެސް ވަރަށް ބޮޑަށް ރޯވެ ގާތްގަނޑަކަށް 81،000 އަކަމީޓަރު އަނދާ ހުލިވެ، އެތައް ހާސް ބަޔަކު ގެދޮރުން ނެރެން ޖެހުނެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން މި މަހުގެ ފުރަތަމަ ދުވަހު އަނެއްކާ ވެސް ކެލިފޯނިއާގައި ރޯވެ، 131،000 އަކަމީޓަރަށް ވުރެ ބޮޑު ބައެއް އަނދައި ހުލި ވިއެވެ.
މިއަދުގެ ޚަބަރުތައް ބުނާ ގޮތުގައި މީގެ ދެދުވަސް ކުރިން ރޯވި އަލިފާނުގެ ސަބަބުން މިހާރު ކެލިފޯނިއާއިން ގާތްގަނޑަކަށް 5،000 އަކަމީޓަރު އަނދައި ހުލިވެ، ގެތަކުން މީހުން ހުސް ކުރަން ޖެހުނަސް މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މި އަހަރު ކެލިފޯނިއާގައި މިގޮތަށް އެކި ފަހަރު މަތިން ހިނގި އަލިފާނުގެ ހާދިސާތަކުގައި، ދިހަވަރަކަށް މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވެއެވެ.
މުޅި އެމެރިކާގައި މިއަދު އަނދަމުންދާއިރު، ކޮލޮރާޑޯގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން ދެ މީހަކު މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ،
އަނެއްކޮޅުން ފްލޮރިޑާގެ ތަފާތު 39 ހިސާބެއްގައި އަލިފާން ރޯވެފައިވެއެވެ.