މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލަ އަލުން ބަލައިފިނަމަ، މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ކުރިން ޖަލަށް ލުމަށް ފަހު ސުޕްރީމް ކޯޓުން މިނިވަންވެ ވަޑައިގެންފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އަނެއްކާވެސް ޖަލަށް އެނބުރި ދާންޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެ އެވެ.
މިސަރުކާރަށް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އެމްއެމްޕީއާރުސީގެ މައްސަލަ ބަލާކަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ޔާމީން ވަރަށް ސާބިތު ކަމާއެކު ވިދާޅުވަނީ ޚިޔާނާތުގެ ބައިވެރިން ސަރުކާރުގައި ރައީސް މުއިއްޒުގެ ވަށައިގެން ތިބި ކަމަށް ބުނެއެވެ. އެގޮތުން މަޖިލީހުގެ މިހާޜުގެ ރައީސް އަދި އެއް ޒަމާނެއްގައި ޔާމީންގެ ގާތް އެކުވެރި އަބްދުއްރަހީމް އާއި މިހާރުގެ ފޮރިންމިނިސްޓަރު މޫސާ ޒަމީރުގެ ނަން ރައީސް ޔާމީނު ވަނީ ވަރަށް ފަުން ފާހަގަ ކުރައްވާފައެވެ.
ނަމަވެސް މިވާހަކަތަކަށް ޢަބްދުއްރަހީމް ދެއްވީ ވަރަށް ވަރުގަދަ ރައްދެކެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަތުގައި މާގިނަ ފައިސާއެއް ހުރި ބޭފުޅެއް ނޫނެވެ. އެކައުންޓުތަކުގައި ލައްކައެއްހާ ރުފިޔާވެސް ހަމަނުވާނެ އެވެ. އެކަމަކު ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު 500 މިލިއަނުން ފައިސާ ރައީސް ޔާމީނު އަތްޕުޅުގައި ހުންނެވި ކަމަށެވެ.
"އަޅުގަނޑު ރައީސް މުއިއްޒަށް ގޮވާލަން މިރޭ އިއްޒަތްތެރި ރައީސް އޭ ވީހާވެސް އަވަހަކަށް މިނިވަން ކޮމިޓީއެއް ހައްދަވައިދެއްވާށޭ. ހައްދަވާފައި އަޅުގަނޑުގެ މައްސަލަ ބައްލަވަން ހަވާލުކުރާށޭ ކޮމިޓީގެ ޗެއާއަކަށް ލާންވާނީ ރައީސް ޔާމީނޭ. ޑެޕިއުޓީންގެ ގޮތުގައި ތިއްބަވަން ވާނީ ޑރ.ޖަމީލު އާއި މަލީހު. މެންބަރުންގެ ގޮތުގައި ހުސައިން ވަހީދާއި ޕާޕާއާ. އަޅުގަނޑު މިހިރީ ޖަވާބުދާރީވާން ތައްޔާރަށް. އެކަމަކު އެއާއެކީގައި އަނެއް ކޮމިޝަން އުފައްދަވަން ވާނެ. އެ ކޮމިޝަނުގެ ޗެއާއަކަށް އަޅުގަނޑު، ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް އޭރުން އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނަން،". އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މައްސަލަ ބަލައިފިނަމަ ދެން ވާނީ ކިހިނެއްތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން ، އަބްދުއްރަހީމް ވިދާޅުވާ ބަޔަކު ކޮމިޓީއަށް ނަންގަވައިފިނަމަ އަލުން ތަހުގީގު ކުރުމުން އިތުރު ހެކިތައް ފެނި ރައީސް ޔާމީނު "ބަރަހަނާވެ" މަނީލޯންޑްރިންގއާއި ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއްގައި ދައުވާ އިއްވައި ސުޕްރީމް ކޯޓުން އޭނާގެ ކުރީގެ ހުކުމް ބާތިލް ކުރި ނަމަވެސް، އިތުރު ހެކިތައް ފެނި، އާ ޝަރީއަތެއް ހިންގައި ކުށް ސާބިތުވެދާނެ އެވެ. އަނެއްކާވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި މަޑުކޮށްލައްވަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.









