ފޮރިން މިނިސްޓްރީގައި މަސައްކަތްކުރާ ޒުވާން މުވައްޒަފެއް ކުއްލި ގޮތަކަށް ޖަޕާނުގައި ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެއްކަމުގައިވާ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ (29އ) އެވެ. ލުޖެއިނާ ނިޔާވީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި ތައުލީމު ހާސިލުކޮށް ނިންމުމަށްފަހު މާލެ އައުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ރޭގެ ވަގުތެއްގަ އެވެ. ލުޖައިނާ ނިޔާވިއިރު އޭނާއަކީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގެ ރިޓްސުމެއިކަން ޔުނިވާސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަން ކޯސް ފުރިހަމަ ކުރަމުންދިޔަ ޒުވާނެކެވެ.
ލުޖައިނާއަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެކެވެ.
ލުޖައިނާ ނިޔާވުމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އޭނާ ނިޔާވުމުގެ ހިތާމާގައި އެ މިނިސްޓްރީން ބައިވެރިވާކަމަށެވެ. ލުޖައިނާ ނިޔާވުމާ ގުޅިގެން އެ މިނިސްޓްރީން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ލުޖައިނާއަކީ މަސައްކަތުގެ ދާއިރާގައި ގާބިލު، އޯގާތެރިކަމާއި ވިސްނުންތެރިކަން އިސްކުރާ އަދި މިނިސްޓްރީއަށް އަގުހުރި މުވައްޒަފެއް ކަމަށެވެ. މީގެއިތުރުން، އޭނާއަކީ އެންމެންނާވެސް ރަހުމަތްތެރި މީހެއްކަމަށާ، ފޮރިން މިނިސްޓްރީގައި އޭނާއަށް އުއްމީދީ މުސްތަގުބަލެއް އޮތް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ލުޖައިނާ ނިޔާވުމާ ގުޅިގެން އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އާއިލާއިން ދަނީ މިހާރު ކުރަމުންނެވެ.









