އީރާނުން ޑީޕޯޓް ކޮށްލި އަފްޣާނިސްތާނުގެ މީހުން ގޮވައިގެން ދަތުރުކުރި ބަސް އަފްޣާނިސްތާނާއި އީރާން ބޯޑަރު ކައިރީގައި އޮންނަ ހަނި މަގެއްގައި ހިނގި އެކްސިޑެންޓެއްގައި އަލިފާން ރޯވެ، އެއިން ދަރުރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އަނެއް 79 މީހުން މަރުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ބޯޑަރު ހުރަސްކޮށް ކާބުލް އާއި ދިމާއަށް ދަތުރުކުރަމުން ދަނިކޮށް މުދާ އުފުލާ ޓްރަކަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި 19 ކުޑަކުދިން ވެސް ވަނީ މަރުވެފައެވެ.
މި ހާދިސާގައި ދިރިހުއްޓާ 3 މީހުން ބަހުން ނެރުނު ކަމުގައި ވިޔަސް ހޮސްޕިޓަލުގައި އޭގެތެރެއިން ދެމީހުން މަރުވިއިރު، އަނެކަކުގެ ޙާލު ސީރިއަސް ކަމަށާއި، މި އެންމެންނަކީ ވެސް ރެފިއުޖީންގެ ގޮތުގައި އީރާނުގައި ދިރިއުޅެނިކޮށް، ޞައްޚަ ޑޮކިއުމެންޓެއް ނެތުމުގެ ސަބަބުން ޑީޕޯޓްކުރި މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ހުރިހާ އުޅަނދަކީ އަފްޣާނިސްތާނުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ކަމަށާއި، ހާދިސާގައި މަރުވި ބައެއް މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ވަރަށް އަނދައި އަޅިއަށް ވެފައި ވާ ކަމަށް ވެސް އަފްޣާނިސްތާނު ފުލުހުންއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.