ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން އަަލަށް އެކުލަވާލައި މިއަދު ގެޒެޓްގައި އިއުލާނުކޮށްފޮ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ. މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެފުޅެކެވެ.
ގެޒެޓުގައިވާ އުސޫލުގައި ވާގޮތުން އުސޫލުގައިވާ ގޮތުން ބްރޯޑްކާސްޓް މީޑިއާތަކަށް ލިބޭނީ އެކަމަށް ކަނޑައަޅާ ބަޖެޓުގެ 35 ޕަސެންޓެވެ. އަދި ބާކީ ބައި ނޫސް މަޖައްލާތަކަށް ދޭއިރު، ވަކިވަކި މީޑިއާތަކަށް ދޭނެ އަދަދު ކަނޑައަޅާނީ އެ މީޑިއާއެއް ހިންގާފައިވާ މުއްދަތާއި ކޮންމެ އަހަރެއްގެ އޮޕަރޭޝަންސާއި މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އަށް ބިނާކޮށް ކަމަށް އުސޫލުގައިވެ އެވެ. އަދި އެ މީޑިއާއަކާ މެދު ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ ޕޮއިންޓް އުނިކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
މީގެ އިތުރުން ފައިސާ ދޭނީ އެންމެ މަދުވެގެން 60 ޕޮއިންޓް ލިބިފައިވާ މީޑިއާތަކަށެވެ. ވަކިވަކި މީޑިއާތަކަށް ދޭނެ އަދަދު ކަނޑައަޅާނީ އެކަމަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓާއި އެ މީޑިއާއަކަށް ލިބުނު ޕޮއިންޓާއި މަދުވެގެން 60 ޕޮއިންޓް ލިބުނު މީޑިއާތަކުގެ ޖުމްލަ ޕޮއިންޓް ހިސާބުކޮށްގެން ކަމަށް އެ އުސޫލުގައިވެ އެވެ.
އަދި ފައިސާ ލިބޭ މީޑިއާތަކަށް ފައިސާ ދޭނީ ތިން ފަހަރެއްގެ މަތިން ކަމަށާއި ފުރަތަމަ ފަހަރު 50 ޕަސެންޓް އަދި ބާކީ ފައިސާ ދެ ފަހަރެއްގެ މަތިން ދޫކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. ނަމަވެސް މި އަހަރުގެ ފައިސާ އެއްފަހަރާ ދިނުމަށް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.