މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރަކަށް ޗައިނާގެ ޝުޢައިބު

ހުސައިން އިސްމާއިލް | 16 ދުވަސް ކުރިން - 19 އޯގަސްޓް 2025 14:22
މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރު، ޗައިނާގެ މަޝްހޫރު އިންފްލުއެންސަރ ޝުޢައިބް މާ ‘އިޓާއީ'
މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރު، ޗައިނާގެ މަޝްހޫރު އިންފްލުއެންސަރ ޝުޢައިބް މާ ‘އިޓާއީ'
ޚުލާސާ

މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ފަރާތުން ދުނިޔޭގެ މަޝްހޫރު އިންފްލުއެންސަރ އެއް ކަމަށްވާ ޗައިނާގެ ޝުޢައިބަށް ގްލޯބަލް އެމްބެސެޑަރުކަން ޙަވާލުކޮށްފި.

ދުނިޔޭގެ މުސްލިމް ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި، މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ޗައިނާގެ މަޝްހޫރު އިންފްލުއެންސަރ ޝުޢައިބް މާ ‘އިޓާއީ’ ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމް އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ "މޫސުމީ ގެޕް" ފޫބެއްދުން ވެސް ޢަޒުމަކަށް ހަދައިގެން ރާއްޖޭގައި ޓުއަރިޒަމް ފުޅާ ކުރުމަށް ވަރަށް ފަހުން ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ ޙަޤީޤީ މޭސްތިރިއަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު (رحمه الله)އެވެ.

ޗައިނާގެ މުސްލިމް މާކެޓުގައި އެންމެ ނުފޫޒު ގަދަ އަދި ހަލްފަރި (ޙަލާލް ގްލޯބަލް ޓުއަރ) ނަމުގައި މުސްލިމް ފަތުރުވެރިކަން ފުޅާކުރަމުން އަންނަ ޗައިނާގެ އެޖެންސީގެ ބާނީ ޝުޢައިބް ވިދާޅުވީ ޗައިނާގެ މުސްލިމުންގެ މެދުގައި ރާއްޖޭގެ ޙަލާލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރުކަށް ޗައިނާގެ ޝުޢައިބަށް ޙަވާލުކުރުން.

މި މަހުގެ 16 ވަނަ ދުވަހު އެމްބެސެޑަރުކަމާއި ޙަވާލުވުމަށް އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޢައިބު ވިދާޅުވިއެވެ. “ވަރަށް މުހިއްމު ނަމެއް ފާހަގަ ކޮށްލަން ބޭނުންވޭ. އެއީ މީގެ ދެމަހެއްހާ ދުވަސް ކުރިން މި ކަމުގައި މަޝްވަރާ ކުރުމަށް އަހަންނާއި ބައްދަލުކުރުމަށް މެލޭޝިއާ އަށް ދަތުރުކުރި ޝައިޚް އިބްރާހީމް ފަރީދު (رحمه الله)ގެ ނަން.، މިއީ އެ ބޭފުޅަގެ ތަޞައްވަރު. މި ތަޞައްވަރު ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން”.

އުކުޅަހަކީ ހަލުވި ކަމާއި އެކު ލޯކަލް ޓުއަރިޒަމް ތަރައްޤިވަމުން އަންނަ ރަށެކެވެ. ޝުޢައިބަށް އެމްބެސެޑަރުކަން ޙަވާލުކުރި ރަސްމިއްޔާތުގައި އުކުޅަހުގެ ކައުންސިލް ރައީސް ޝައުކަތު ވިދާޅުވީ ރާއްޖޭގައި ޙަލާލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމުގެ ހުވަފެނަކީ މީގެ ދެއަހަރު ކުރިއްސުރެ ޝައިޚް ފަރީދު ގެންގުޅުއްވި ތަޞައްވަރެއް ކަމަށާއި، މި ހުވަފެނުގައި މިހާރު ޙަޤީޤީ ކުލަ ޖެހިއްޖެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝައުކަތުގެ ވިދާޅުވީ ރާއްޖެއަށް އެވްރެޖްކޮށް ޓުއަރިސްޓުން އަންނަނީ ހިސާބުތަކުން އެނގޭގޮތުން ގާތްގަނޑަކަށް 4 މަހަށް ކަމަށާއި ބާކީ އޮންނަ 8 މަހަކީ އޮފް ސީޒަން ކަމަށް ވާތީވެ މިކަމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް ހީނަތުކަން ލިބޭ ކަމަށެވެ. ނަމަވެސް މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ މަސައްކަތް ފެށިފަހުން ރަނގަޅު ނަތީޖާތައް ފެންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

“ރާއްޖެއަށް ޓުއަރިސްޓުން އަންނަނީ 4 މަސްދުވަހަށް، ބާކީ އޮންނަ 8 މަސްދުވަހަކީ އޮފް ސީޒަން. އެހެން ވުމުގެ ސަބަބުން ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ހިންގާ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ… ތިބޭފުޅުންގެ (މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ) މަސައްކަތް ފެށި ފަހުން ޗައިނާ އިން އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެއްޖެ. އަދި މިކަމުގެ ސަބަބުން އުކުޅަހުގެ އިޤްތިޞަދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އެބަދޭ” ޝައުކަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މި ދާއިރާ އަކީ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ 226 ބިލިއަން ޑޮލަރުގެ ސިނާޢަތެކެވެ. މި ސިނާޢަތް ފުޅާވެ 400 ބިލިއަން ޑޮލަރަށް ވުރެ މަތިވެގެން ދާނެ ކަމަށް މި ސިނާޢަތުގެ މާހިރުން ލަފާ ކުރެއެވެ.

މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ މަސައްކަތް ފެށި ފަހުން މި ވީ ކުރު މުއްދަތުގެ ތެރޭގައި އަރިއަތޮޅުއުތުރުބުރީ މީހުން ދިރިއުޅޭ ބައެއް ރަށްތަކުގެ މަންޒަރުތައް މުސްލިމު ފަތުރުވެރިންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު އިންފްލުއެންސަރުން ގެނެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%