މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ އަމާޒުގައި ތަރައްގީކުރާ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމަށް އިތުރު ޑްރެޖަރެއް ގެނެސް، މި ހަފްތާގެ ތެރޭގައި ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފި އެވެ. އެޗްޑީސީން ވަނީ ނޫސްވެރިންނަށް ރަސްމާލޭގެ މަސައްކަތް ކުރިއަށް ދާގޮތް މިއަދު ދައްކާލައިފަ އެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި ތަރައްގީ ކުރާ މި ސިޓީގެ މަޝްރޫއުގެ ދަށުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިހާތަނަށް އައިއިރު ވަނީ 129 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. މިއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިމާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. ނަމަވެސް، މިއީ މަޝްރޫއުގެ %12.84 އެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ކުރިން މި މަޝްރޫއުގެ މަސައްކަތް ކުރަމުން ދިޔައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އިންނެވެ. މޯހަން މުތާ އިން 100 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ކެޕިޓަލް މެރިން ކުންފުނިން 29 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެޗްޑީސީން ބުނީ މިހާތަނަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 11 ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ.
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިމަހު ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރަސްމާލެ ސައިޓް "ސީ" އަދި "އީ" އިން 265 ހެކްޓަރުގެ ބިން ހިއްކުމަށްކަމަށެވެ. މިކުންފުނިން ބިން ހިއްކަން ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށް ބަންޑް ވޯލް ޖަހަމުންދާ ކަމަށްވެސް އެޗްޑީސީން ފާހަގަކުރި އެވެ.
އެގޮތުން، އެ ކުންފުނިން ބިން ހިއްކާ ޑްރެޖަރު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް އެޗްޑީސީން ހާމަކުރި އެވެ. ކަސްޓަމްސް ކްލިއާ ކުރުމުގެ މަރުހަލާ ނިމި، މި ހަފްތާގެ ތެރޭގައި އެ ބޯޓު ރަސްމާލެ ސަރަހައްދަށް ގޮސް ބިން ހިއްކަން ފަށާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ޔަގީންކަން ދީފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރަސްމާލެ މަޝްރޫއު ފުރިހަމަ ކުރުމެވެ. މި މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށް ދަނީ އެޗްޑީސީގެ ބެލުމުގެ ދަށުންކަަމަށްވާއިރު ސަރުކާރުގެ އަދި އެޗްޑީސީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކައި ނިންމާލުމެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ރަސްމާލޭގައި 26،000 ފްލެޓާއި 11،000 ގޯތި ދިނުމަށް ޕްލޭންގައި ހިމެނޭއިރު، ރަސްމާލެ ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ. މި ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށެވެ. އެގޮތުން މިތަން ތަރައްގީ ކުރަމުން ގެންދަނީ "ސޭފް އައިލެންޑް"އެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.
މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމަށް 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީއެއް އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓު އުނިކޮށް، އެ ފައިސާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބަހާލާފައި އެވެ. އެހެންކަމުން، ފާއިތުވެ ދިޔަ އަހަރު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިކަން ފާހަކޮށްލެވެ އެވެ.
ރަސްމާލޭގައި ފްލެޓު އެޅުމަށް ޗައިނާ، ސިންގަޕޫރު އަދި މެލޭޝިއާގެ ކުންފުނިތަކަށް ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީގެ މައްސަލައެއްކަން ފާހަގަކުރައްވަމުން، ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވީ މި މައްސަލައަށް ފުރިހަމަ ދާއިމީ ހައްލެއް ގެނައުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެންމެ މުހިންމު ޒިންމާ އަދި ވާޖިބުކަމަށެވެ.