މާލޭގައި ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި، އެމްއެމްއޭ ކައިރިން އެ މަގުގެ އެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި މަގުގެ އެއްފަޅި މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން ވަނީ މާފަށް އެދިފަ އެވެ.
އެ އިއުލާނާ އެކުގުޅިގެން މާލެ ސިޓީ ކައުންސިލުން އާންމުކުރި ޗާޓުގައިވާ ގޮތުން، މަގު ބަންދުވާނީ ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ވެސް މި މުއްދަތުގައި ބަންދުވާނެ ކަމަށް ކައުންސިލުގެ ޗާޓުން ދައްކަ އެވެ.
އެގޮތުން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ބާރުބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށް ކައުންސިލުން ހާމަކުރިއެވެ.