އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގައި ބަންދުގައި އޮތް މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޒާމިލު/މާލެ، އަހުމަދު އަފްރާހު (48އ) އެވެ.
ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ ފަތިހު 5:50 ހާއިރު ބެލިއިރު އޭނާގެ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުންކަމަށެވެ. އެކަމާއި ގުޅިގެން އައިޖީއެމްއެޗަށް އަފްރާހު ގެންދިޔަ ވާހަކަ ފުލުހުން ބުންޏެވެ.
އަހުމަދު އަފްރާހު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭގެ އިތުރުން ފުލުހުން ބުނީ މަރުވި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައިކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ކުރިއަށް ގެންދަމުންދާނެކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.









