ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ގާއިމްކުރުން ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، ޒަކާތު ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޒަކާތުގެ ބިލު ގާނޫނަކަށް ވެގެން ދިއުމުން، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެ އެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ޒަމާނާ އެއްވަރުގެ ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެންދިއުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިރޭ ހަވާލުކުރެވުނު ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕްތައް އިސްލާމީ ދާއިރާތަކަށް ހާއްސަކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއެކު ކަމަށެވެ. އެއީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީންކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށާއި، މި ސްކޮލާޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ގައުމަށް ފައިދާކުރާނެކަން އެމަނިކުފާނު ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ރާއްޖޭގައި ވަރަށް ހަރުދަނާ ޒަކާތުގެ ނިޒާމެއް އޮތެވެ. އަދި، މިވެރިކަމުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތަށް ހާއްސަ ވަކި އިދާރާއެއް އުފެއްދެވުމަކީ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް ގެނެސްދީފައިވާ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ ދެވުނު ފުރުސަތުތަކަކީ ގައުމާއި އިސްލާމީ ހަޟާރަތު އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ފުރުސަތެއްކަމަށެވެ. ވަޒީރު ވަނީ، މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެލައްވާފަ އެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދެއްކެވުމަށާއި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެލެއްވުމަށް އިލްތިމާސްކުރެއްވި އެވެ.