ޔާމީން ހެދީ ދޮގު، ފިޔަވަޅު އަޅަން ވިސްނަން: މައުމޫން އޮފިސް

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 16 އޯގަސްޓް 2025 11:48
ކުރީގެ ރައީސް މައުމޫން އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަަވަނީ.--ފޮޓޯ: ޕީއެސްއެމް
ކުރީގެ ރައީސް މައުމޫން އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަަވަނީ.--ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައިވޭ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަ ތަކާއި ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދަން ވިސްނާކަމަށް މައުމޫންގެ އޮފީހުން ވިދާޅުވެއްޖެ އެވެ.

މައުމޫން ގެ އޮފީހުން ނެރުނު ނޫސްބަޔާނއެއްގައި ވާގޮތުން ޔާމީން ގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާއި އެއްވެސް ގުޅުމެއް ނެތް އަމުރެކެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް މައުމޫން ދުވަހަކުވެސް ކުރައްވާފައެއް ނުވާނެ ކަމަށާއި ޔާމީންގެ ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކޭކަން ފާހަގަކޮށް، ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު މައުމޫން ވިސްނަވާ ކަމަށް ބަޔާނުގައިވެ އެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީކަން އަރުވާ ކަމަށް މައުމޫންގެ އޮފީހުން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%