ރާއްޖޭގައި ގޭދޮރާއި ރިއަލް އެސްޓޭޓްގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ މޯލްޑިވްސް ލިވިން އެކްސްޕޯގެ 13 ވަނަ އެޑިޝަން، ހުޅުމާލެ ސެންޓްރަލް ޕާކްގައި ފަށައިފި އެވެ. މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައި ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ބެލުމަށް ހުޅުވާލާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:30 އަށެވެ.
މި އެކްސްޕޯގައި ގިނައަދަދެއްގެ އަމިއްލަ އަދި ބޭރުގެ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ގޭދޮރު އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވިއްކާ ކުންފުނިތަކެވެ. މި ކުންފުނިތަކުން ދަނީ އެޅުމަށް ހަމަޖެހިފައިވާ ހައުސިންގް އިމާރާތްތަކާއި، ގޭދޮރުގެ ފުރުޞަތުތަކުގެ މައުލޫމާތު މައުރަޒު ބަލަން އަންނަ ފަރާތްތަކަށް ހިއްސާ ކުރަމުންނެވެ. މީގެ އިތުރުން ގޭގެއަށް ބޭނުންވާ އެކި ބާވަތުގެ ސާމާނު ވިއްކާ ކުންފުނިތައް ވެސް މި އެކްސްޕޯގައި ބައިވެރިވެ އެވެ.
މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގާއިމްކުރާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތު ދިނުމަކީ ވެސް މި އެކްސްޕޯގެ އެއް މަގްސަދެވެ.
މިފަދަ އެކްސްޕޯއެއް ރާއްޖޭގައި ބާއްވަމުން އަންނަނީ ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަ ގޭދޮރާއި ރިއަލް އެސްޓޭޓް ދާއިރާއިން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި، މި ދާއިރާގެ ފަރާތްތަކަށް ވިޔަފާރީގެ އައު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުންނެވެ.