މިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވަށް 10 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް ވަނީ 213.22 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް ޖުލައި މަހު ރަސްމީ ރިޒާވް ހުރީ 774.52 މިލިއަން ޑޮލަރުގައެވެ. މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު ދަށް އަދަދެކެވެ.
ޔޫޒަބަލް ރިޒާވް އިތުރުވީ ކުރު މުއްދަތުގެ ދަރަނި ދަށްވުމުންނެވެ. ޔޫޒަބަލް ރިޒާވް ހިސާބުކުރަނީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ދަަރަނި ކެނޑުމަށް ފަހު، އެތެރޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ޑޮލަރުތައް ހިމަނައިގެންނެވެ.
އެގޮތުން ޖުލައި މަސް ނިމުނުއިރު ކުރު މުއްދަތުގެ ދަރަނި ހުރީ 688 މިލިއަން ޑޮލަރުގަ އެވެ. މަހުން މަހަށް ބަލާއިރު އެއީ 86 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. އަދި ބޭންކުތަކުގައި އިންވެސްޓުކޮށްފައި 126 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ ސަރުކާރުން ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް ރިޒާވް ރަނގަޅުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިބިފައިވާ ކުރިއެރުންތަކެވެ. ރިޒާވް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުފައިސާގެ އާ ގާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވަށް ނެގުމާއި އިންޑިއާއާއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެ އެވެ.