ހިޔާ ފްލެޓާއި ގޯއްޗެއް ލިބުނު މީހަކަށް ސިފްކޯއިން ލިބުނު ފްލެޓެއް އަނބުރާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 11 ގަޑިއިރު ކުރިން - 12 އޯގަސްޓް 2025 23:14
ސިފްކޯ ފްލެޓް
ސިފްކޯ ފްލެޓް
ޚުލާސާ

ފްލެޓް ލިބޭކަން އަންގާ ތާރީޚުން ޝަރުތު ބަލައި، އަލީ ވަހީދު ޑައުންޕޭމަންޓް ދައްކާފައިވާތީ 2014 އިން އެއްބަސްވުން އޮތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުން ކޮށްފައި.

ސިފްކޯއިން ފްލެޓެއް ލިބިފައިވަނިކޮށް، ހިޔާ މަޝްރޫއުން ފްލެޓެއް ލިބި، އަދި ގޯއްޗެއްވެސް ލިބުނު މީހެއްގެ އަތުން ނެގި ސިފްކޯ ފްލެޓް، އެ މީހާ އާ އަނބުރާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކުރި މ. ހިރިނައިދޫ / އަލީ ވަހީދަށް ސިފްކޯއިން ފްލެޓް ލިބޭކަމަށް އެންގީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޑައުންޕޭމަންޓްގެ ގޮތުގައި 91,200 ރުފިޔާ އޭނާ ދައްކާފައިވެއެވެ. އަދި އޭނާއަށް ލިބޭ ފްލެޓް ވެސް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކަނޑައަޅާފައިވަނިކޮށް، އެހެން ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ކަމަށް ބުނެ، އޭނާގެ އަތުން ސިފްކޯ ފްލެޓް ވަނީ ނަގައިފައެވެ.

އަލީ ވަހީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ފްލެޓް ލިބޭނެކަމުގެ ލިޔުން ދޫކުރިއިރު ފްލެޓް ދޫކުރުމުގެ އުސޫލުގައި ނެތް ޝަރުތެއް އޭނާގެ މައްޗަށް ކުރިމަތިކުރުވައި، ފްލެޓް ނުލިބޭނެ ކަމަށް ސިފްކޯއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އެ ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ސިފްކޯއިން ކޯޓުގައި ބުނީ، އަލީ ވަހީދަށް ފްލެޓް ލިބޭކަން އަންގާފައިވަނީ ޝަރުތު ހަމަވާކަމަށް ބަލައިގެން ކަމަށާއި، ނަމަވެސް އޭނާގެ ނަމުގައި ހިޔާ ފްލެޓަކާއި، އޭނާ އާއި އިތުރު ހަތަރު ފަރާތެއްގެ ނަމުގައި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮތްކަން އެނގުމުން އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ، 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭރު ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ. މީގެ އިތުރުން ސިފްކޯއިން ބުނީ، އަލީ ވަހީދަށް ހިޔާ ފްލެޓުން އެޕާޓްމަންޓެއް ލިބުނީ ސިފްކޯއަށް މައުލޫމާތު ނުދީ އޮތުމުން ކަމަށެވެ.

މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު، އިއްޔެ އެ މައްސަލައަށް ހުކުމް ކުރައްވަމުން ވިދާޅުވީ، މައްސަލައިގައި ކަން ހިނގިގޮތަށް ބަލާލާއިރު ޝަރުތު ހަމަވޭތޯ ބެލޭނެ އެންމެ ފަހުގެ ތާރީހަކީ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި ފްލެޓްވެރިޔާއަށް އެކަން އަންގާ ތާރީހު ކަމަށެވެ. އަލީ ވަހީދު ޑައުންޕޭމަންޓް ދައްކާފައިވާކަން ވެސް ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، ޝަރުތު ހަމަވުމުގެ މަރުހަލާ ނިމި، 2014 ވަނަ އަހަރުން ފެށިގެން އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށެވެ.

އެހެންކަމުން، ސިފްކޯގެ ނިންމުން ގޯސްކަމަށް ގާޒީ ނިންމަވައި، އަލީ ވަހީދާ ފްލެޓް ހަވާލުކުރަން އިއްޔެ ވަނީ ހުކުމްކުރައްވައިފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%