ކ. މާފުށީ ބަނދަރުގެ ކޮންކްރީޓް ބުރިޖުގެ 30 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސިއިން ބުނީ މާފުށީ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަނދަރުގެ ކޮންކްރީޓް ބްރިޖްގެ 30 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.
އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށީ މެއި 22، 2023 ގައެވެ. މި މަސައްކަތުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 28،836 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރާނެއެވެ. އަދި 63،711 ކިއުބިކް މީޓަރަށް އާ ބަނދަރު ފުންކުރާނެ އެވެ.
އަދި 4،414 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 31 މީޓަރަށް ބޭރުތޮށި ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓާ ހެދުމާއި 64 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި 700 މީޓަރަށް ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރަށް އެއްގަމު ތޮށި ޖެހާނެ އެވެ.
އަދި 367 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުމާއި، 73 މޫރިން ރިންގް ހަރުކުރުމާއި، 10 މޫރިންގ ބޮއި ހަރުކުރުމާއި، އެކްސެސް ޕްލެޓްފޯމް އެޅުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި 33 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1,869 އަކަ މީޓަރަށް ޕޭވްމަންޓް ހަދަން އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފަ އެވެ.