ފުލުހުންނަށް ފިލަން ދުއްވި 18 އަހަރުގެ ޒުވާނާ ބަންދުން ދޫކޮށްލައިފި އެވެ.
ހުޅުމާލޭގައި ފުލުހުންނަށް ފިލަން ދުއްވި ކާރު ދުއްވަން އިނީ 18 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ އަތުގައި ލައިސެންސް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ (ހ. ފިލިމާގެ/ ކ. މާާލެ، އައިކް ހައިޝަމް ހަސަން އެވެ. ހައިޝަމްގެ އިތުރުން ކާރުގައި އިން އަންހެން މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އަންހެން މީހާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
މިހާދިސާގައި ކާރު ހުއްޓުވަން އޭގެ ފަހަތުން ދުއްވި ފުލުހުންގެ ސައިކަލެއްގައި ކާރުން ޖެއްސުމުން ފުލުހަކަށް ވަނީ އަނިޔާވެސް ވެފަ އެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވިި ފުލުސް އޮފިސަރަށް، ހުޅުމާލެ ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ކާރެއްގެ ފަހަތުން ފުލުހުންގެ ވެހިކަލާއި ސައިކަލުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއާ ގުޅޭގޮތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑު ކުރަން ފުލުހުން ބުނި ނަމަވެސް މަޑު ނުކޮށް، ބާރު ދުވެލީގައި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދުއްވާފައިވާ ކަމަށެވެ.