އަބްދުއްރަހްމާންގެ މަރާ ގުޅިގެން ތިން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެނގިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އެ ތިން މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށް އެ މީހުންގެ އަންނުނާއި، މޮބައިލް ފޯނުތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނަމަވެސް ފުލުހުން އެކަން ކަށަވަރު ނުކޮށްދެ އެވެ.
މި ކަމާއި ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތައް ގެންދަނީ ކުރަމުންކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާއި ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއިއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދާ ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެވާހަކަ ވެސް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން މާޅޮހު ކައުންސިލް ގެ ނައިބު ރައީސް ފަޒީލް އަހްމަދު ވިދާޅުވީ އެރަށުގެ ކައުންސިލަށް މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.