ސޯލްޓްސް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ދައްކަންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން، މި މައްސަލައަކީ، ސޯލްޓްސް އެންޑް ސޭންޑްސް އިން ވެމްކޯއަށް ވިއްކާފައިވާ ތަކެއްޗަށް ވެމްކޯއިން ދައްކަންޖެހި، ނުދައްކާ ހުރި 1،280،920/67ރ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ސޯލްޓްސް އެންޑް ސޭންޑްސްގެ ވަކީލަށް ހަރަދުކުރަން ޖެހުނު 50،000ރ އާއިއެކު ޖުމުލަ 1،330،920،67ރ ހޯދުމަށް އެދި ސޯލްޓްސް އެންޑް ސޭންޑްސް ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި ދައުވާ އާއިއެކު ވެމްކޯއިން ވަނީ އެ ފައިސާ އެއީ ސޯލްޓްސް އެން ސޭންޑްސްއަށް ދައްކަންޖެހޭ ފައިސާކަަމަށް އެއްބަސްވެފަ އެވެ. އަދި އެ ފައިސާގެ ތެރެއިން މިހާރު 120،060/45ރ ސޯލްޓްސް އެންޑް ސޭންޑްސް އަށް ދައްކާފައިވާ ވެމްކޯއިން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ލިޔެކިޔުންތައް ބަދަލުކޮށް ފަހުބަޔާން ހުށަހެޅި، މައްސަލައާ ގުޅިގެން ބޭއްވުނު ފަހު އަޑުއެހުމުގައި ވެމްކޯއިން ވަނީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދެއްކިފައިވަނީ އެ އަދަދު ނޫންކަމަށާއި، އެހެންނަމަވެސް ދެއްކިފައިވަނީ 115،428/70ރ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.
އަދި ހަމައެހެންމެ ސޯލްޓްސް އެން ސޭންޑްސް އިން މި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން ގާނޫނީ ވަކީލަށް 50،000ރ ހަރަދުކުރަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެ ފައިސާ ވެމްކޯގެ ފަރާތުން ނަގައިދިނުމަށް ސޯލްޓްސް އެންޑް ސޭންޑްސް އިން ވަނީ އެދިފަ އެވެ. އެހެންކަމުން ސޯލްޓްސް އެން ސޭންޑްސް އިން ވެމްކޯއަށް ވިއްކި މުދަލުގެ ތެރެއިން ނުދައްކާ ހުރި 1،165،491/97ރ އާއި ޝަރީއަތުގެ ހަރަދަށްވާ 50،000ރ އާއިއެކު ޖުމުލަ 1،215،491/97ރ އަކީ ވެމްކޯއިން ސޯލްޓްސް އެންޑް ސޭންޑްސް އަށް ދައްކަންޖެހޭ ޖުމުލަ ފައިސާގެ އަދަދު ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބަޔާން ކޮށްފަ އެވެ.
ސިވިލް ކޯޓުން ވަނީ 10 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސޯލްޓްސް އެން ސޭންޑްސްއަށް 1،215،491/97ރ ދައްކައި ހަލާސްކުރުމަށް ވެމްކޯގެ މައްޗަށް ހުކުމްކޮށްފަ އެވެ.