ނ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އަކީ ބުއްދި ސަލާމަތުން ހުރި މީހެއް ކަމާމެދު ޝައްކު ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އައްބާސް ދޮގު ވާހަކަތަކެއް ފެތުރުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ފަލާހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޤާނޫނު އަސާސީގެ 73 މާއްދާގެ (ހ) ގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށް ބުނާ އެންމެ މުހިއްމު ޝަރުތު، އައްބާސްގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، އެކަމުން އަންގައިދެނީ ތިމާއަކީ އެއްވެސް އަހުލާގެއް ނެތް ބުއްދިގޯސް މޮޔައެއްކަން ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް ބުހުތާނު ދޮގުވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
ފަލާހު ވިދާޅުވީ މެންބަރު އައްބާސް އަށް އެފަދަ ފިތުނަ ފަތުރައިދޭ މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން އެގެއަށްގެންގޮސް ތިން މިލިއަން ރުފިޔާދީފައިވާ ކަމަށް މިދެކެވޭ ވާހަކަތަކަށް އައްބާސްގެ މެސެޖުން ބާރު ލިބޭ ކަމަށެވެ.
ފަލާހު ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެށް ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް ކަމަށެވެ. އަދި ކިތައްމެ ނުބައި ޕްލޭންތަކެށް ރާވާ، އެފަދަ މެސެޖު ކުރުވިއަސް އިންޝާﷲ ކާމިޔާބެއްނުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
އައްބާސް ދައްކަވާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި އަބްދުއްރަހީމްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އައްބާސް ދައްކަވާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަަމަށެވެ. އަދި އެހެން ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.