ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އަައިޝަތު ޒީނާ | 5 ދުވަސް ކުރިން - 7 އޯގަސްޓް 2025 22:51
ބީއެމްއެލް އިން މި ގްރާންޓް ތައާރަފްކޮށްފައިވަނީ ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށްޓަކައި. / ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން މި ގްރާންޓް ތައާރަފްކޮށްފައިވަނީ ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށްޓަކައި. / ފޮޓޯ: ބީއެމްއެލް
ޚުލާސާ

ބީއެމްއެލް އިން ބުނީ މި ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިއަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން ތިން ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ސްޓާޓަޕް ގްރާންޓު މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ އަހަރަކު ދެ ވިޔަފާރިއަކަށެވެ.

ބީއެމްއެލް އިން ބުނީ މި ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށެވެ. އަދި ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާވެސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އާން ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަން ޝަރީފް ފާހަގަކުރައްވާފައިވެ އެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމަށް އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް ބޭންކުން ވަނީ އެދިފަ އެވެ.

ބީއެމްއެލް އިން މި ގްރާންޓް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%