މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 22 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފި އެވެ.
ފިނޭންސް މިިނިސްޓްރީން އާންމުކުރާ "ވީކްލީ ފިސްކަލް" ރިޕޯޓުން ދައްކާ ގޮތުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކުހުން 15.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އެއީ އާމްދަނީގެ 76.3 ޕަސެންޓެވެ. އަދި ޓެކްސް ނޫން އާމްދަނީއަށް 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ޓެކްސް އާމްދަނީއަށް ބަލާއިރު ޖީއެސްޓީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، ވިޔަފާރިއާއި މުދަލުގެ ޓެކުހުން 2.8 ބިލިއަން ރުފިޔާ، އަދި އިމްޕޯޓް ޑިއުޓީއަށް 1.5 ބިލިއަން ރުފިޔާގެ އިތުރުން ގްރީން ޓެކުހުން 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް 3.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް އެއް ބިލިއަން ރުފިޔާ ވަނީ ޓްރާންސްފާކޮށްފަ އެވެ. އަދި ޕަބްލިކް ސެކްޓަރުގެ އިންވެސްޓްމަންޓް ޕްރޮގްރާމަށް ދެ މިލިއަން ރުފިޔާ އަދި ކައުންސިލުތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.