ޔުކްރޭނަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ ރައީސް ވްލަޑީމީރް ޕޫޓިނަށް އިންޒާރު ދެއްވައި މިމަހުގެ 8 ވަނަ ދުވަހާއި ހަމަޔަށް މުހުލަތު ދިނުމަށްފަހު، ޓްރަމްޕުގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އިއްޔެ ރަޝިއާ އަށް ފޮނުވައި ޕޫޓިން އާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އިއްޔެ (6 އޮގަސްޓް 2025) މޮސްކޯގައި ވްލަޑީމީރް ޕޫޓިންއާއި ބައްދަލުކުރައްވަނީ / ފޮޓޯ: ރޮއިޓާސް
އިއްޔެ ޕޫޓިން އާއި އެކު ކްރެމްލިންގައި ބޭއްވި މި ބައްދަލުވުން ތިންގަޑިއިރަށް ދެމިގެން ދިޔައެވެ. އެއަށްފަހު މި ބައްދަލުވުމަކީ "އުފެއްދުންތެރި" އަދި "ބިނާކުރުވަނިވި" ބައްދަލުވުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. އަދި މިއީ "ބޮޑު ކުރިއެރުމެއް" ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނުވަތަ ޑި-އެސްކޭލޭޝަން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
މި ބައްދަލުވުމަށް ފަހު ގަޑިއެއްހާއިރު ފަހުން ރަޝިޔާގެ ސިފައިން ވަނީ އަނެއްކާވެސް ޔުކްރޭނަށް ޙަމަލާ ދޭން ފަށާފައެވެ. ޓްރަމްޕަކަށް އިންޒާރު ދެއްވައިގެން ޕޫޓިނެއް ނުހުއްޓުވުނެވެ.
އިއްޔެގެ ބައްދަލުވުމަށްފަހު ރަޝިއާއިން ވަނީ ނިކޮޕޯލް، ޚާކިވް، އޮޑެއްސާ އަދި ޒަޕަރޯޖިއާ އަށް ރަޝިއާއިން ޑްރޯނާއި މިސައިލް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ޙަމަލާތަކުގައި ތިންމީހުން މަރުވި ކަމަށް ޔުކްރޭނުގެ މަސްދަރުތަކުން ބުނެއެވެ.
ޑޮނެޓްސްކް އާއި ޑްނިޕްރޮޕެޓްރޮވްސްކްގައި ހަނގުރާމަތައް ވަރުގަދަވެ، މިހަފްތާގައި ވެސް ޔޫކްރޭންގެ 30 އަކަމީޓަރަށް ވުރެ ބޮޑު ބިމެއް ރަޝިޔާއަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.









