އެސްޓީއޯ ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ ސެންޓްރަލްގެ ހިދުމަތްތައް ފަށައިފި އެވެ.
އިއްޔަ އިން ފެށިގެން ރައްޔިތުންނަށް އެ ފާމަސީގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އެސްޓީއޯ އިން ބުނީ މި ފާމަސީއަކީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަ ކުރެއްވި ގޮތުގައި، ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ގާއިމްކުރެވިފައިވާ ފާމަސީއެއް ކަމަށެވެ.
މި ފާމަސީ އިންނަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގަ އެވެ.
އެސްޓީއޯ އިން ބުނީ މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
އަދި އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
މި ފާމަސީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 ފެށިގެން މެންދަމު 12 އާއި ހަމަ އަށް ހުންނާނީ ހުޅުވާފަ އެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ހިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.









