ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 5.96 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކާނޭޝަންވިޔު، އަބްދުﷲ ފަސީހް (37އ) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު، އިބްރާހީމް ކަލީމް (34އ) ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









