މާލެ ސިޓީ ކައުންސިލް އާއި ދިވެހި ފުލުހުން ގުޅިގެން ފާއިތުވި ދެ ދުވަހު މާލޭގެ ތިން ސަރަހައްދަކުން 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފި އެވެ.
މި މަސައްކަތްކޮށްފައިވަނީ، މާލެ ސާފުތާހިރުކޮށް ބޭއްވުމާއި، މަގުތަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނީ ކުނި ނެގި މާލޭގެ ތިން ސަރަހައްދަކީ، ބާޒާރުމައްޗާއި، ވަދުފޮށި ކަންމައްޗާއި ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްމަތީގެ އިތުރުން އާންމުކޮށް ކުނި ބަހައްޓާފައިހުންނަ ސަރަހައްދެއްކަމަށްވާ އާބުރުޒުމަގު ފުއްކަފަ ގޯޅި ކަންމަތިކަމަށެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މޭޔަރު އާދަމް އާޒިމް ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މޭޔާރ އާޒިމް ވިދާޅުވީ، މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން، ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ގޮތުން މާލެ، ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާ ކަމަށެވެ.