ބްލެކްމެއިލްކޮށްގެން ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ ދެވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން، މުހައްމަދު ފަވާޒު ލުތުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.
އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލަ 2024 ޑިސެމްބަރު 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް ގިނަ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު ފަވާޒް ލުތުފީ ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.









