މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރިކަމަށެވެ.
އެ ދެ ގެއިން ތިންފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ 66.92 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އެ ދުވަހު 10 މީހުން ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ހަތް މީހުން ޝަރުތު ކުރުމަށް ފަހު ކޯޓުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އާއިޝަތު ފައިހާ ތޯހާ، 19، ފްލާވާހައުސް/ ހދ. ނޭކުރެންދޫ، އަކްރަމް މުހައްމަދު، 28، ސާމިޔާނާ/ ނ. މަގޫދޫ އަދި އަހުމަދު ތައިސީރު، 27، ރޯޝަނީމާގެ/ ސ. ހުޅުދޫ އެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އެކަކުގެ ބަންދަށް ކޯޓުން އަމުރު ކޮށްފައި ވަނީ ހަތް ދުވަހަށެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، ޑްރަގާ ބެހޭ ގާނޫނު އިސްލާހުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާން ކުރައްވައިފަ އެވެ.










