ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އޮޅުހިޔާ ފެސިލިޓީއަށް 112 ބުޅާ ބަދަލުކޮށްފި އެވެ.
އެ ވުޒާރާއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މޫސުން ގޯސްވުމުގެ ސަބަބުން މާލެ އާއި ހުޅުމާލެ އިން މަގުމަތީ ބުޅާ ނެގުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އިއްޔެ އަލުން ވަނީ ފަށާފައިވެއެވެ.
މި މަސައްކަތް އަލުން ފެށި ދުވަހު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 37 ބުޅާ ވަނީ މަގުމަތިން ނަގައި، އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީނު ބަޔަށް ބަދަލުކޮށްފައެވެ.
ބުޅާތައް ނަގާފައިވަނީ އިއްޔެ ހަވީރު މާލޭގެ މޭރީބްރައުން ސަރަހައްދުންނާއި ހުޅުމާލޭގެ ސަރަހައްދުތަކުންނެވެ.
ވުޒާރާއިން ބުނި ގޮތުގައި މަސައްކަތް އަލުން ފެށި އިރު ފެސިލިޓީގައި ކަރަންޓީނުގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ މިހާރު ކޮށިތަކަށް ބަދަލުކޮށްފައިވެ އެވެ.
އެންމެ ފުރަތަމަ އޮޅުހިޔާ ފެސިލިޓީގެ މަސައްކަތް ފެށި އިރު އެތަނުގައި ބުޅާ ކަރަންޓީނުކުރުމަށް ބޭނުންވާ ވަސީލަތްތަށް ގާއިމްކުރެވިފައެއްނުވެ އެވެ. ވަކި މުއްދަތެއް ވަންދެން ބުޅާތައް ކަރަންޓީނުކުރަންޖެހޭތީ މިދިޔަ މަސް ތަކުގައި ވަނީ ކަރަންޓީނު ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.