މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީއިން ތައްޔާރުކުރި ފުޅަނދުތަށް މިއަދު ދައްކާލުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެޗްޑީސީއިން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ތައްޔާރުކުރި ފުޅަނދުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ ފަހުން ފުޅަނދު ބުރު ބާއްވަން ނިންމި ރޭ މޫސުން ގޯސްވުމުން އެ ހަރަކާތްތަށް ކެންސަލް ކުރަން ޖެހުނު ކަމަށެވެ.
އެ ގޮތުން އެ ހަރަކާތް އަލުން ބާއްވަން މިއަދު ހަވީރު 16:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ފުޅަނދުތަށް ދައްކާލުމަށް ވަނީ ނިންމާފައިވެ އެވެ. މި ހަރަކާތް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
އެޗްޑީސީއިން އެ ފުޅަނދުތަށް ތައްޔާރުކޮށްފައިވަނީ "މައިންކްރާފްޓް" ތީމަށެވެ. އަދި އެ ފުޅަނދުތަކުގައި ދައްކައިދެނީ ހުޅުމާލޭގެ އެކި މަންޒަރުތަކެވެ.
އެޗްޑީސީން ވިދާޅުވީ މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށެވެ. އެގޮތުން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.









