މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފަތުރަމުންދަނީ ދޮގުތަކެއްކަން ހާމަވެއްޖެ އެވެ.
މޫސުންގޯސްވެ ރާއްޖެ އެތެރެކުރި ފިޔާ ޝިޕްމަންޓްތަކެއް މާލެ ވިޔަފާރި ބަނދަރަށް ބޭލުމުގައި ދިމާވި ދަތިތަކާއެކު ބާޒާރުގައި ފިޔާގެ އަގު އުފުލުމާއި ގުޅުވައިގެން އެމްޑީޕީގެ މެމްބަރުން ދަނީ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނަމުންނެވެ. ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިޕޯޓުގެ ތަފާސް ހިސާބުތަކުން އެއީ ދޮގެއްކަން ހާމަވެ އެވެ.
އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އިންފްލޭޝަން ދަނީ މަހެއް މަހަކަށް ދަށްވަމުންނެވެ. އެގޮތުން ތަކެތީގެ އަގު މައްޗަށްދާ މިންވަރު ވަޒަންކުރާ، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާގޮތުން މިދޔަ އޭޕްރީލް މަހު އިންފްލޭޝަން ރޭޓް ހުރީ 5.6 ޕަސެންޓުގަ އެވެ. މެއި މަހު 4.6 ޕަސެންޓުގައި ހުރިނަމަވެސް ޖޫން މަހު އެ އަދަދު ވަނީ 3.8 ޕަސެންޓަށް ދަށްވެފަ އެވެ.
އިންފްލޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ސިނގިރޭޓާއި ދުންފަތާއި ގުޅުންހުރި ތަކެތިންނެވެ. މިތަކެތީގެ އަގު އުފުލިފައިވަނީ ރާއްޖޭގައި ދުޅަހެޔޮވެއްޓެއް ގާއިމުކޮށް ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.
މިއަހަރުގެ އޭޕްރީލް މަހު އިންފްލޭޝަން ޕަސެންޓު ބޮޑު ނަމަވެސް އެ އަދަދަކީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި، 2022 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ހުރި ޕަސެންޓާ ދާދި އެއްވަރު އަދަދެކެވެ. އެއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު އެންމެ މަތިވި އެއް އަހަރެވެ. އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭރު ވިދާޅުވަމުުން ދިޔަގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ އެވެ.
އިންފްލޭޝަން މަތިވުން ދިފާއުކުރަން އަމީރު އޭރު ވިދާޅުވަމުންދިޔައީ ރާއްޖޭގެ އިގްތިސާދަކީ ވެސް ބޭރުގެ އިގްތިސޯދަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުން ރާއްޖެގެ އިގްތިސާދަށް ވެސް އަންނަ ކަމަށެވެ. އެގޮތުން މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގުތައް އުފުލޭ ނަމަ ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ވިދާޅުވި އެވެ. މިގޮތަށް އެންމެ ބޮޑު ބަދަލެއް އާއްމުކޮށް ފެންނަނީވެސް ކާބޯތަކެތިންނެވެ. މިއީ ބޭރުން މުދާ އެތެރެކުރާކަމުގައިވާނަމަ ހަގީގަތުގައިވެސް އިންފްލޭޝަން ރޭޓު މަތިވުމަށް ދިމާވާނެ މައިގަނޑު އެއް ސަބަބެވެ.
ހަމަ އެއާއެކު ކޮވިޑާއެކު އޭރުގެ ސަރުކާރުން ނެގި މާސިންގާ ދަރަނިތަކާއި ސަރުކާރުން ކުރަމުންދިޔަ ބޭކާރު ހަރަދުތަކުގެ އިތުރުން ފައިސާ ޗާޕުކުރުމުގެ "ދޯހަޅިި" ސިޔާސަތު ތަކާއި ގުޅިގެން އައިއެމްއެފް އާއި ވޯލްޑްބޭންކުންވެސް އޭރު ދިޔައީ އޭގެ ސަބަބުން ކުރިއަށް އަންނަން އޮތް އަހަރުތަކުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު މަތިވެ ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށް އިންޒާރު ދެމުންނެވެ. މިހާރު ފެންނަމުން މިދަނީ އެ ސިޔާސަތުގެ އިމްޕެކްޓެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިދިޔަ އަހަރުވެސް އިންފްލޭޝަން އިތުރުވިޔަނުދީ ހިފެހެއްޓުނެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ހަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އިގުތިސާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އެގޮތުން، ރާއްޖޭގެ ބާޒާރުގެ އަގުތައް އެވަރެޖްކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ހެޔޮ ބަދަލު ތަފާސްހިސާބުތަކުން މިދަނީ ފެންނަމުންނެވެ.