މިދިޔަ އާދީއްތަ ދުވަހު ތުރުކީވިލާތުގެ ބުރްސާގެ ޖަންގަލީގައި އާދަޔާއި ޚިލާފު ކަމެއް ހިނގައިފި ކަމަށް އެ ޤައުމުގެ ނޫސްތަކުގައި ބުނެފިއެވެ. ރިޕޯޓުތަކުގައި ވާގޮތުން، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ބުރުސާ ސިޓީގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ގަދަ ވަޔާއި އެކު ވަރަށް ބާރަށް ފެތުރި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދިހަމިލިއަން ހަތްލައްކަ ފަސްދޮޅަސްތިންހާސް ނުވަސަތޭކަ ދިހަ އަކަފޫޓު (10,763,910 އަކަފޫޓު) އަނދައި ހުލިވިއިރު އެންމެން ޙައިރާންވީ އެތަނުގެ މެދުގައި ހުރި ބަގީޗާގެ އެންމެ ފަތަކަށް ވެސް އަލިފާނުގެ އަސަރު ކޮށްފައި ނުވާތީއެވެ.
ހޫނު ގަދަވުމުގެ ސަބަބުން ތުރުކީވިލާތުގެ ޖަންގަލީގައި ރޯވި އަލިފާނުގައި ސަލާމަތްވި ބަގީޗާ (ގަދަ ފެހި ކުލައިގައި) - މި ބަގީޗާގެ ވަށައިގެންވާ 10 ހެކްޓަރު ވަނީ އަނދައި ހުލިވެފަ. / ފޮޓޯ: ސޯޝަލް މީޑިއާ
މާސިންގާ ބޮޑު އަލިފާނުން ސަލާމަތް ވި ބަގީޗާ އަކީ މޭވާ ހައްދާ ބަގީޗާ އެކެވެ. އަލިފާނުގައި އެ ބަގީޗާގެ ވަށައިގެންވާ ގަސްތަކާއި ގެދޮރާއި ދަނޑުތައް ވަނީ އަޅިޔަށް ވެފައެވެ. ނަމަވެސް، ޚަލީލް ނަމަކަށް ކިޔާ އެ މުސްލިމު މީހާގެ ބަގީޗާއިން އެންމެ ފަތެއް ވެސް އަނދާފައި ނުވާއިރު، ގަސްތަކުގައި ހުރި މޭވާތައް ވެސް ހުރީ ތާޒާ ކަމާއި އެކުގައެވެ.
“މިއީ ﷲގެ ކުޅަދުންވަންތަކަމުގެ މަންޒަރެއް. މިތަން (ބަގީޗާ / ދަނޑު) ސަލާމަތްވިކަން މިއީ ﷲ އަހަންނަށް ދެއްވި ނިޢުމަތެއް ކަމަށް އަހަރެން ޤަބޫލުު ކުރަނީ” ބަގީޗާގެ ވެރިމީހާ ކަމަށްވާ ޚަލީލް ތުރުކިޔޭގެ ނޫހަކަށް މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ބުންޏެވެ.
ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި 1،800 އަށް ވުރެ ގިނަ ސިފައިންނާއި 700 އުޅަނދާއި 41 ޖަމިއްޔާއަކުން ބައިވެރިވި އިރު، އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރިވާތީވެ ތިން ސަރަޙައްދަކުން މީހުން ނެރެން ޖެހުމަކީ މި އަލިފާންގަނޑުގެ ބޮޑުމިން ވަޒަން ކުރެވޭ ކަމެކެވެ.