އުމްރާއަށް ގެންދާނެކަމަށް ބުނެ، އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލަ ފެންމަތިވުމުން، އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްގެ މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަސްކޮއި ގްރޫޕުން މީހުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އެމީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު އުމްރާ އަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި ހަމައެހެންމެ، އުމްރާއަށް ދާން ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް އަތުލާފައިވާކަމަށެވެ.
ނިމި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައިވާކަމަށް އެ ގްރޫޕުން އަންގާފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މެދުއިރުމަތީގެ ހާލަތު ރަނގަޅު ނޫންކަމަށް ބުނެ، މެދު އިރުމަތީގެ ހާލަތު ރަނގަޅުވުމުން ދަތުރުކުރަން އެކުންފުނިން ބޭނުންވާކަމަށް ބުނެ، އުމްރާ ދަތުރު ފަސްކުރުމާއި ގުޅިގެން، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާކަމަށް އެ ބަޔާނުގައި އިތުރަށް ވަނީ ފާހަގަކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފަށް އަސްކޮއި ގްރޫޕުން އަމަލުކޮށްފައިވުމުގެ ސަބަބުން، އެ ކުންފުންޏާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން އެ ގުރޫޕާމެދު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
- އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި އެކު ޖޫރިމަނާކުރުން.
- އަސްކޮއި ޓްރެވަލް ސާވިސް ކުންފުންޏާއި، އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން.
- ޖުލައި 2025ގެ އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ފުލް ރިފަންޑް ދިނުން
- މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުން
ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި އަހަރުގެ މެއި މަހު އަސްކޮއި ގުރޫޕްގެ މިފަދަ އެހެން މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. އެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެފަހަރު އެކުންފުނި 130،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރި އެވެ.









