ޓެލެގްރާމްގައި އޮރިޔާން ޗެނަލްތައް ހިންގި މީހާ 4 އަހަރަށް ޖަލަށް!

މުހައްމަދު ޖަމްޝަތު | 79 ދުވަސް ކުރިން - 31 ޖުލައި 2025 14:34
ޓެލެގްރާމް އެޕްލިކޭޝަންގެ އައިކަން--
ޓެލެގްރާމް އެޕްލިކޭޝަންގެ އައިކަން--
ޚުލާސާ

މި މައްސަލާގައި އޭނާގެ މައްޗަށް ހަތަރު ދައުވާއެއް ކުރޭ. މިހާތަނަށް ސާބިތުވީ ދެ ދައުވާ

ޓެލަގްރާމް އެޕްލިކޭޝަންގައި "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ އެސްކޯޓު ގެލެރީ" ނަމުގައި ތިން ޗެނަލެއް އުފައްދައިގެން މަސްތުވާތަކެއްޗާއި ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރު ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ދރ. 12966، އިބްރާހިމް ރަޝީދު ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

"ޖަޒީރާ އެޑްމިން" ގެ ނަމުގައި ޓެލެގްރާމް ޔޫސާއެއް ހަދައިގެން މި ޗެނަލްތައް ހިންގި މައްސަލާގައި ދައުލަތުން އިބްރާހިމް ރަޝީދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީ ކަން އެނގި ހުރެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ތެރެއިން އޭނާގެ މައްޗަށް މިހާތަނަށް ސާބިތުވެފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަތަކުގެ ތެރެއިން ހަށި ވިއްކުވަން އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެ އޭނާއަށް އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މަނީ ލޯންޑާކުރިކަން ސާބިތުވެ އޭނާގެ މައްޗަށް ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި، 462،637.61ރ. އިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން އިބްރާހީމް ރަޝީދު ވަނީ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު އިއުތިރާފްގެ އެއްބަސްވުމެއްގައި ހަދާފައެވެ.

މި ޓެލެގްރާމް ޗެނަލްތައް ފުލުހުން އަތުލައިގަތީ 13 މާޗް 2024 ގަ އެވެ. މި ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6،529 މެންބަރުން ތިއްބެވެ.

އެ މައްސަލާގައި އިބްރާހިމް ރަޝީދުގެ އިތުރުން ހައްޔަރުކުރީ ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ އާއި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް އެވެ. އެ މީހުންގެ މައްޗަށްވެސް ދައުވާ 12 ޖޫން 2024 ގައި ވަނީ ދައުވާ އުފުލާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%