ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަޔާޒް މަގާމުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގެ އިތުރުން ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ފަޔާޒް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ދުވަސްތަކެއް ވަންދެން މި މަގާމަށް މީހަކު ހަމަނުޖައްސާ އޮތުމަށްފަހު އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިއްޔެ ވަގުތެއްގައި އެ މަގާމުގައި ކުރިން ހުންނެވި މައުރޫފް ޖަމީލް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މައުރޫފް އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަލީ ޒުހައިރު ވަނީ އައްޔަނުކުރައްވާފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ޒުހައިރު އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ.









