ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފިއެވެ.
އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ޖުމްލަ 3.6 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. ނަމަވެސް، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއި، މި ކުއާޓަރުގައި ތެލުގެ ޑިމާންޑް ދަށްވުމެވެ.
ޖުމްލަ އާމްދަނީ ދަށްވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. މިއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ މި ކުއާޓަރުގައި ވަނީ އިތުރުވެފައެވެ.
ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއެކު، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާއެވެ. މިއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ.
ހިންގުމުގެ ފައިދާ ދަށްވި ނަމަވެސް، ދެވަނަ ކުއާޓަރުގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއެކު ނެޓް ފައިނޭންސް ހަރަދު ކުޑަކުރެވިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މިކަމުގެ ސަބަބުން ޓެކުހަށް ކެނޑުމުގެ ކުރިން މިކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 163 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ.
އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި ކުއާޓަރުގެ ސާފު ފައިދާ 15 މިލިއަން ރުފިޔާއިން އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.









