ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހުރިހާ ތަފްސީލެއް އާއްމުކުރަނީ

އާނާ ފަހީމް | 128 ދުވަސް ކުރިން - 30 ޖުލައި 2025 16:30
މާލޭ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޚުލާސާ

ބިންތައް ކުއްޔަށް ދީފައިވާ ފަރާތްތަކާއި، ބޭނުންތަކާއި، ކުއްޔަށް ލިބޭ މިންވަރާއި މުއްދަތު ހިމެނޭނެހެން މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ ތަފްސީލު އާއްމުކުރަން ސިޓީ ކައުސިލުން ނިންމައިފި.

މާލޭ ސިޓީ ކައުންސިލުން މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ ތަފްސީލު، މާލޭގެ ރައްޔިތުންނަށް ފެންނާނެހެން ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލް އޮފީސް، ކުރީގެ ތައިސޭ ކޮށީގެ ގޯތި ތެރޭގައި، މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ދޫކޮށްފައި ވަނީ ކޮން ބަޔަކަށް ކަމާއި، އެ ބިންތައް ދިނީ ކޮން ބޭނުމަކަށް ކަމާއި، ކުއްޔަށް ލިބޭ މިންވަރާއި، ކުއްޔަށް ދޫކޮށްފައި ހުރީ ކިހާ މުއްދަތަކަށް ކަމުގެ ހުރިހާ ތަފްސީލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކުރަމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް ހުރި ކަމެއް ވެއްޖެނަމަ ރައްޔިތުންގެ ބިންތަކުގެ ހުރިހާ ތަފްސީލެއް ހާމަކޮށްދޭނެ ކަމަށް އާޒިމް ވަނީ ޔަގީންކަން ދެއްވާފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ވެސް، އަމަލުކުރާނެ ގޮތެއް ނިންމަމުން ގެންދަނީ، ކައުންސިލް ތަޅުމަށް ހުށަހަޅައި، މަޝްވަރާގެ ރީތި އުސޫލުން ކަމަށެވެ. މި އުސޫލުތަކަކީ ހުރިހާ ފަރާތްތަކަށް އިންސާފުވެރި ނިންމުންތަކެއް ނިންމުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އާޒިމް ފާހަގަ ކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%