ލ. މާވަށުގައި މީހަކު މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މޫސަ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް އެވެ.
މޫސަގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ކުރިން ބުނި ގޮތުގައި، މޫސައަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ އެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި މޫސަގެ ހަށިގަނޑު އިތުރު ތަހުލީލަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ބުނީ، މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ހާއްސަ ޓީމަކުން މޫދަށް ފީނައިގެން ކަމަށެވެ. މި ވަޅި މޫދަށް އެއްލާލާފައި އޮތީ ކުށުގެ ހެއްކެއް ނައްތާލުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ ހައްޔަރުގައި ހުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 29 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކުރިކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.









