މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީއާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭތީ ސަމާލުވުމަށް އެދި، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފި އެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ.
މެޓުން ބުނި ގޮތުގައި، މި މުއްދަތުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ އެވެ. ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ހާމަކުރި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި، މި ވަގުތު ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދަށް އުފުލޭނެ އެވެ. އެހެންކަމުން ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މާދަމާ އެވެ. ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް ވެސް މެޓުން ހާމަކޮށްފައިވެ އެވެ.









