ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތަށް މެދުކެނޑިއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން ހިންގަމުން އަންނަ އުމަރު ޒާހިރު އިމާރާތުގެ ސާވާއަށް މި މައްސަލަ ދިމާވީ ރޭގެ ވަގުތެއްގައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނީ މި މައްސަލައާ ގުޅީގެން ހިދުމަތްތަށް މެދުކެނޑުނީ ވަގުތީގޮތުން ކަމަށެވެ. އަދި މި މައްސަލަ ދިމާވުމަށް މަގުފަހިވީ އޭސީތަށް އޯވާ ހީޓު ވުމާއި ގުޅިގެންކަމަށެވެސް އެ މިނިސްޓްރީއިން ބުންޏެވެ.
"މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މައާފަށް އެދެމެވެ،" މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލައަށް ހައްލެއް ލިބޭނެ ވަގުތެއް އަދި ނޭންގެއެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.






