ލ. މާވަށުގައި މިއަދު މަރާލި މޫސާ އިބްރާހިމް މަރާލަން ދިން ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ. މި ވަޅި ފެނިފައިވަނީ މިމައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިއްމު ހެއްކެއްގެ ގޮތުގައެވެ.
މޫސަ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް އެވެ. ފުލުހުން ބުނީ، މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޚާއްސަ ޓީމަކުން މޫދަށް ފީނައިގެން ކަމަށެވެ. މި ވަޅި މޫދަށް އެއްލާލާފައި އޮތީ ކުށުގެ ހެއްކެއް ނައްތާލުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
މޫސަގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ކުރިން ބުނި ގޮތުގައި، މޫސައަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.









