ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުއާހަދާއެއްގައި ސްރީލަންކާ އާއި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
މި މުއާހަދާގައި ސޮއިކުރީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގެންނެވި އެވެ.
މި މުއާހަދާގެ ދަށުން ދެ ގައުމުގެ ގާނޫނުތަކާއެއްގޮތަށް ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދީ ޖިނާއީ މައްސަލަތައް ތަހުގީގާ ބެހޭ ކަންތައްތަކުގައި ދެ ގައުމުން އެއްބާރުލުން ދޭނެ އެވެ. މީގެ ތެރޭގައި ހެއްކާއި ލިޔެކިޔުންތައް ބަދަލުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ދިވެހި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު އެމްއޯޔޫއެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މި އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުސަތު ލިބި، އެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދާނެ އެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސަނާޔަކަ ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.









