ލަންކާގެ ރައީސަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި

މުހައްމަދު ޖަމްޝަތު | 7 ގަޑިއިރު ކުރިން - 28 ޖުލައި 2025 17:35
ލަންކާގެ ރައީސް އަށް މަރުހަބާ ދަންނަވަން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ:ރައީސް އޮފީސް
ލަންކާގެ ރައީސް އަށް މަރުހަބާ ދަންނަވަން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްދާނެ. މިއީ އެ މަނިކުފާނު ރައީސް ކަމުގެ މަގާމުގައި ހުރެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތުފުޅަކަށް މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި އެވެ.

ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، އަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ޖުމްހޫރީ މައިދާނުގަ އެވެ. މި ރަސްމިއްޔާތަށް، ލަންކާގެ ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލު ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ވަނީ ކުޅެފަ އެވެ.

އޭގެ ފަހުން ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. އަދި ދިވެހި ދައުލަތުގެ ވަޒީރުންނަށް މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި ލަންކާގެ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވުން ވެސް އޮތެވެ.

ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދާނެ އެވެ.

ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސަނާޔަކަ ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%